ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިލެކްޝަންސްގެ ކޮމިޝަނުގެ މެންބަރުކަމަށް އަކްރަމް އައްޔަން ކުރައްވައިފި

އައިދާ އަބްދުލް ހަކީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިލެކްޝަންސްގެ ކޮމިޝަނުގެ މެންބަރުކަމަށް އަހުމަދު އަކްރަމް އައްޔަން ކުރައްވައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އަކްރަމް، ރައީސް އައްޔަން ކުރެއްވީ މިއަދު 11:00ގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައިސެއްގެ ގޮތުގައި ހުންނެވި އަކްރަމްގެ މެންބަރުކަމުގެ ދައުރު ރޭ 12:00 އަށް ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަކްރަމްގެ ދައުރު ހަމަވާތީ، އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނުނީ ވެސް އަކްރަމްގެ ނަމެވެ.

އަކްރަމް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 72 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަކްރަމް އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015 ގަ އެވެ.