އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އަނެއްކާވެސް އަހުމަދު އަކްރަމް އައްޔަން ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އަކްރަމް، ރައީސް މިއަދު އައްޔަން ކުރެއްވުމާއިގުޅިގެން އެކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އަނެއްކާ ވެސް އަކްރަމް އައްޔަން ކުރައްވާފައިވަނީ މިއަދު އެކޮމިޝަނުން ބޭއްވި 25 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި އަކްރަމްގެ މެންބަރުކަމުގެ ދައުރު ރޭ 12:00 އަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަކްރަމްގެ ދައުރު ހަމަވާތީ، އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނުނީ އަކުރަމްގެ ނަމެވެ.
އަކްރަމް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 72 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަކްރަމް އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގަ އެވެ.
ނައިބު ރައީސަކަށް އަހުމަދު އަކްރަމް ކުރިން އިންތިހާބު ކުރެއްވީ އެމަގާމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވުމާއި ގުޅިގެން އެކޮމިޝަނުން ބޭއްވި 16 ވަނަ ކުއްލި ބައްދަލުވުމުގައެވެ.