ޚަބަރު

ފުރަންދާ ބިދޭސީންނަށް އެއާޕޯޓުން ނޫން ތާކުން ޕާސްޕޯޓު ހަވާލުކޮށްފި ނަމަ ފިލާނެ: މޫސަ

އިބްރާހިމް ޒަކީ

ފުރަން ދިއުމުން އެއާޕޯޓުން ނޫން ގޮތަކަށް، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންނާ، އެމީހުންގެ ޕާސްޕޯޓް ހަވާލުކޮށްފިނަމަ އެމީހުން ޕާސްޕޯޓާއެކު ފިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، މޯލްޑިވްސް އިމިގްރޭޝަނުގައި ބަހައްޓާފައިވާ ބިދޭސީންގެ ޕާސްޕޯޓުތައް އެ ޕާސްޕޯޓްތަކުގެ ވެރިފަރާތްތަކަށް ދޫކުރަން ނިންމި ކަމަށް އިމިގްރޭޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޫސަ ވަނީ ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންގެ އަތަށް ޕާސްޕޯޓުތައް ދޫކޮށް ނުލުމަށް އެދިވަޑައިގެންފައެވެ.

"ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންގެ އަތަށް ޕާސްޕޯޓުތައް ދޫކޮށްނުލައްވާ!، އެމީހުންގެ ޓިކެޓް ނަގަން ބޭނުންވީމަ އިމިގްރޭޝަންގެ ބެލުމުގެ ދަށުން އެކަން ކުރުމަށްފަހު ފުރަން ދިއުމުން އެއާޕޯޓުން ޕާސްޕޯޓު ހަވާލުކޮށްފަ ފުރުވާލާ!، އެހެންނޫނީ ދެންފިލާނީ ޕާސްޕޯޓާއެކު،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ފިލައިގެން އުޅުނު ބިދޭސީންގެ ޕާސްޕޯޓު އެމީހުނާ ހަވާލުކުރުމުން އެ އަދަދަށް މީހުން ފުރަމުންދޭތޯ ނޫސްވެރިންވެސް ބަލަން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ދޫކުރާ ޕާސްޕޯޓުތަކުގެ ލިސްޓު އެންމެންނަށް ފެންނާނެހެން އެ އިދާރާގެ ވެބްސައިޓް www.immigration.gov.mv ގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ޕާސްޕޯޓުތަކުގެ ވެރި ފަރާތް ރާއްޖެއިން ފުރަން ބޭނުންވެއްޖެނަމަ، އެ ފަރާތްތަކާއި ޕާސްޕޯޓު ހަވާލު ކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެ އިދާރާގެ އެކްސްޕެޓްރިއޭޓް މޮނީޓަރިން އެންޑް ރިފެޓްރިއޭޝަން ސެކްޝަން (ބިދޭސީ ހިޔާ) އިން ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. ބިދޭސީއެއްގެ ޕާސްޕޯޓު ބެހެއްޓިފައިވޭތޯ ސާފުކުރުމަށް އެ އިދާރާގެ ނަންބަރު 7980408 ފޯނަށް "ވައިބާ" ކޮށްލުމުން އެ މައުލޫމާތު ލިބޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.