ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ތަރައްގީ ވެފައިވާ ގިނަ ގައުމުތަކަށްވުރެ ވެސް ރަނގަޅު ކަމަށް، ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓަކާއި ގުޅިގެން "ވަން އޮންލައިން" އިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ދުންޔާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ދުނިޔޭގައި ފެތުރެމުންދާ ގޮތާއި އޭގެން ރައްކާތެރިވުމަށް ޓަކައި ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އެކި ގައުމުތަކުގައި އެކަންކަމުން ނުކުންނަ ނަތީޖާތައް ކޮންމެ ދުވަހަކުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ދިވެހީންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރު ސަމާލުކަމެއް ދެއްވައިގެން ބައްލަވަމުން ގެންދަވާ ކަމަށެވެ.
"މި ބަލި ޗައިނާއިން ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް ކަން ވަމުން އަންނަ ގޮތް ވަރަށް ގާތުން ބަލަމުން އަޅުގަނޑު މި އަންނަނީ. ދުނިޔޭގެ އެއްވެސް ގައުމަކުން މި ކަމުގައި ކުޑަކޮށްވެސް އިހުމާލުވެއްޖެ ނަމަ ނުކުންނަ ނަތީޖާ ވަރަށް ދެރަކޮށް މި ފެންނަނީ. ސަރުކާރުތަކުގެ ޒިންމާއެއް އެ ގައުމެއްގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުން އެއީ. އެގޮތުން އަޅުގަނޑު ދަންނަވާނީ ދުނިޔޭގެ ބޮޑެތި ވަރަށް ގިނަ ގައުމުތަކަށް ވުރެ ވެސް ރާއްޖޭގެ ސަރުކާރުން އެޅި ފިޔަވަޅުތައް ހަރުދަނާވެފައި ރަނގަޅޭ. އެކަމަށް ޓަކައި ސަރުކާރަށް ތައުރީފު ހައްގު." މި ވަގުތު ލަންކާގައި ހުންނެވި ދުންޔާ ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ މި ފަދަ ކަންކަމުގައި އެއްވެސް ގައުމެއްގެ ސަރުކާރުން އެއްވެސް މިންވަރަކަށް އިހުމާލު ވެގެން ނުވާނެ ކަމަށާއި ބަލި ފުރަތަމަ ފެނުނު ގައުމު ކަމަށްވާ ޗައިނާއިން އެންމެ ފުރަތަމަ ކޮޅު އެކަން ސިއްރުކުރި ކަމުގެ ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ޗައިނާ ސަރުކާރުން ވެސް ފަހުން އެޅި ފިޔަވަޅުތަކާއި ގެންގުޅުނު ހަރުދަނާ ސިޔާސަތު ތަކަކީ މި ކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމުގައި ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އިޓަލީ އަދި އެ ނޫންވެސް ޔޫރަޕުގެ ބައެއް ގައުމުތަކުންނާއި ދުނިޔޭގެ އެހެން ބައެއް ބައްރުތަކުގައި ވެސް ކޮރޯނާ ވައިރަހާ ގުޅިގެން، ސަރުކާރުތަކުން ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުމުގެ ނަތީޖާ މިއަދު ފެންނަނީ ހިތާމަވެރިކޮށް ކަމަށެވެ. އެފަދަ ބައެއް އެ ގޮތުން އިޓަލީގައި އެތައް ހާސް ބަޔަކު މަރުވަމުންދާ އިރު، އެނޫން ބައެއް ގައުމުތަކުގައި ވެސް މަރުވަމުންދާ މީހުންގެ އަދަދު މަތިވެ ބަލި ޖެހެމުންދާ އަދަދުވެސް ހުއްޓުމެއް ނެތި މައްޗަށްދާކަން ފާހަގަކުރެއްވި އެވެ. އަދި މި ފަދަ ބައެއް ގައުމުތަކުގައި ރައްޔިތުންނަށް ވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދެވެމުން ނުދާ ކަމަށާއި މި ހާލަތުގައި ކަންކަން ވާންވީ ގޮތް ރައްޔިތުންނަށް ނޭނގުމަކީ ވެސް އެގައުމުތަކަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ މިބަލީގެ މައުލޫމާތާއި ފެތުރޭ ގޮތާއި ރިސްކް އޮތް މިންވަރު އަދި ރައްކާތެރިވުމަށް އަޅަން ވީ ފިޔަވަޅުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމުގައި ވެސް ރާއްޖޭން ކޮށްފައި މި ވަނީ ތައުރީފު ހައްގު މަސައްކަތެކޭ. މި މަސައްކަތަށް ޓަކައި ދިވެހި ސަރުކާރު، ސިފައިންނާއި ފުލުހުން، ސިއްހީ ދާއިރާއާއި އެކަމުގައި އުޅުއްވާ އެހެން ހުރިހާ ބޭފުޅުން އަދި ހަމަ އެހެންމެ މީޑިއާތަކުން މި ވަގުތު ކުރައްވާ މަސައްކަތް ފާހަގަކޮށް އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން."
ދުންޔާ އިތުރަށް ވިދާޅުވީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށް ތިބެން ޖެހޭ މީހުންނާއި 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭ މީހުން ވެސް އެ ހޭދަކުރަނީ އުނދަގޫ މުއްދަތެއް ކަމަށާއި އާއިލާ އާއި ރައްޓެހީންނާ ވަކީން އެކަހެރިކޮށް ތިބެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހެން ތިބެން ޖެހޭ މީހުންނަށް ހުރި ވަސީލަތްތަކުގެ ހާލަތު ގޯސްކަމުގެ ވާހަކަވެސް ދެކެވޭ ކަމަށާއި އެކަމަށް ބަލާ އިރު ވެސް ނަސީބަކުން ރާއްޖެއަކީ މިވަގުތު މުޅި ދުނިޔެއަށް ބަލާ އިރު މި ކަމަށް އެންމެ ފުރިހަމަ ވަސީލަތް ހުރި ގައުމު ކަމަށް ގަބޫލު ކުރައްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކަށް ބަލާ އިރު ދިވެހި ސަރުކާރުން ކުރިޔާލައި އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ނަތީޖާވެސް ވަރަށް ރަނގަޅު. މި ވަގުތު އަޅުގަނޑުމެން އެންމެންވެސް އެބަ ޖެހޭ ސަރުކާރުން، ކަމާ ބެހޭ ފަރާތްތަކުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރައްވަން. އެއީ އަޅުގަނޑުމެން އެންމެނަށް ވެސް އެންމެ ރަނގަޅު އަދި ރައްކާތެރިގޮތް ކަމަށް ވާނެ. އެބޭފުޅުން ތަކުރާރުކޮށް އެ ނަސޭހަތް ދެއްވަނީ ގޭގައި ތިއްބަވަން. އެއީ މި ވަގުތަށް އެންމެ މުހިންމު ކަންތައް. ހެދޭ ކުޑަ ގޯހަކުން ވެސް ވައިރަސް ފެތުރިގެންފި ނަމަ ދެން ސަރުކާރަށް ވެސް ކަންކަން ކޮންޓްރޯލުކުރަން އުނދަގޫ ހާލަތަކަށް ހިނގައިދާނެ. އަޅުގަނޑުމެން ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކުރައްވަންވީ." ދުންޔާ ވިދާޅުވި އެވެ.