ޚަބަރު

އިމިގްރޭޝަނުގައި ބެހެއްޓިފައިވާ ބިދޭސީންގެ ޕާސްޕޯޓުތައް ދޫކުރަން ފަށައިފި

އަލީ ޔާމިން

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުގައި ބެހެއްޓިފައިވާ ބިދޭސީންގެ ޕާސްޕޯޓުތައް އެ ޕާސްޕޯޓްތަކުގެ ވެރިފަރާތްތަކަށް ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ޕާސްޕޯޓުތަކުގެ ލިސްޓު އެންމެންނަށް ފެންނާނެހެން އެ އިދާރާގެ ވެބްސައިޓް www.immigration.gov.mv ގައި ޝާއިއުކުރެވިފައިވާނެ ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ޕާސްޕޯޓުތަކުގެ ވެރިފަރާތް ރާއްޖެއިން ފުރަން ބޭނުންވެއްޖެނަމަ، އެ ފަރާތްތަކާއި ޕާސްޕޯޓު ހަވާލު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެ އިދާރާގެ އެކްސްޕެޓްރިއޭޓް މޮނީޓަރިން އެންޑް ރިފެޓްރިއޭޝަން ސެކްޝަން (ބިދޭސީ ހިޔާ) އިން ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީއެއްގެ ޕާސްޕޯޓު ބެހެއްޓިފައިވޭތޯ ސާފުކުރުމަށް އެ އިދާރާގެ ނަންބަރު 7980408 ފޯނަށް "ވައިބާ" ކޮށްލުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ.