ޚަބަރު

ކޮވިޑް 19 : ވެލިގަނޑު ރިސޯޓާއި ސެންތާރާ ގްރޭންޑް އަދި ލަންކާ އިން އައި ބޯޓުން ޓެސްޓުކުރި މީހުން ނެގަޓިވް

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލެންޑް ރިސޯޓާއި ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓު އަދި ލަންކާއިން ރާއްޖެ އައި ބޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގަޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެމީހުންގެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން އެ ރަށްތަކާއި ބޯޓު، އާންމު ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

"ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓާއި، "އެލިއޯން" ކިޔާ އުޅަނދުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާތީ އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގެ ހާލަތުން ވަނީ ނެގިފައި." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

ވެލިގަނޑު އައިލެންޑް ރިސޯޓާއި ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓު އަދި ލަންކާއިން ރާއްޖެ އައި ބޯޓުން ޓެސްޓުކުރި މީހުންނަކީ ބިދޭސީންނެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުމާއި، މީހުން ދިރިއުޅޭ ރަށްތަކުން ރިސޯޓުތަކަށް މީހުން ދިއުން އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައެވެ.