ރަށްރަށުގައި ހުރި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ނުހޯދުމަށް އިލްތިމާސްކޮށްފިއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރީ އެއީ ގިނަ މީހުން ގޮސް އުޅޭ ތަންތަނަށް ވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެތީ އެ ފުރުސަތު ހަނިކުރުމަށް ކަމަށެވެ. އަދި ޑޮކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކެފޭ ރެސްޓޯރެންޓްތަކަށް މީހުން ދިއުން މަދުކުރުމަށް އިލްތިމާސް ކުރާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
"މާލެ ތެރޭގެ ކެފޭތައް ބަންދުކޮށްފައި އޮތަސް އަޅުގަނޑަށް ހީވަނީ ރާއްޖެތެރޭގެ ކެފޭތައްވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި އެރަށްރަށުގެ ރައްޔިތުންގެ އަމިއްލަ ކަމެއްގެ ގޮތުގައިވެސް ހަމަ މިކަހަލަ ތަންތަނަށް ދިއުން މަދުކުރުން އައި އެކަހަލަ ތަންތާނގައި ބަލި ފެތުރޭނެކަން ގަބޫލު ކުރުން އެއީ ވަރަށް މުހިންމު ކަމެއް ކަންނޭނގެ،" މުރާދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ކޮވިޑް 19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ރާއްޖެތެރޭގެ ރަށްރަށުގައި ހުރި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށާއި އެފަދަ ހާލަތަކަށް ގޮސްފިނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
"ކެފޭ ރެސްޓޯރެންޓްތަކުގެ ކަންކަން މާލެ ދެން އާދަޔާ ހިލާފަށް ފުރޭތީ މާލެއާ ދޭތެރޭ މިވަގުތު ފިޔަވަޅު އެޅިފައި އެހުރީ. އެހެންނަމަވެސް މި ހާލަތު ބަދަލުވާ ކަމަށް ފެންނަންޏާ ނުވަތަ މިކަމުގައި ކަން ކުރަންވީ ގޮތެއް ކުރިއަށް އޮތް ތާނގައި ހަމަ މަޝްވަރާ ކުރެވިފައިވޭ." މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރޭ 12:00 އިން ފެށިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތްދިނުން މަނާކޮށްފައެވެ. ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.