ސަރުކާރުން ކުރެވޭނެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިވަނީ ކޮށްފައި ކަމަށާއި އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އޮންނާނެ ކަމަށާއި ކޮންމެ މީހަކު ވެސް ތިމާއަށް ތެދުވެރިވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެވާހަކަ ދެއްކޭނީ. މަގުތަކުގައި މީހުން ވެސް ދުއްވަނީ. ތަންތަނަށް ވެސް ދަނީ. ތިމާގެ މީހުން، ތިމާގެ މީހުންނާ ދިމާވާން ގޭގެއަށް ވެސް ދަނީ. އަޅުގަނޑަށް ހީވަނީ ސަރުކާރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެޅޭނެ ހުރިހާ ފިޔަވަޅެއް ގާތްގަނޑަކަށް މި އެޅެނީ. އަދި ފޫބައްދަން ޖެހޭ ތަނެއް ފެނިއްޖެއްޔާ އެކަން ވެސް ކުރެވޭތޯ މި މަސައްކަތްކުރަނީ. ދެން މީގެ އިތުރުން ވެސް ފަރުދީ ޒިންމާއެއް އެބަ އޮވޭ،" އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާ އިރު، މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.