ޚަބަރު

ކޮންމެ މީހެއްގެ ފުލުގައި ފުލުހެއް ބަހައްޓައިގެން ގޭގައި ނުތިބެވޭނެ: މަބްރޫކު

ކޮންމެ މީހެއްގެ ފުލުގައި ފުލުހެއް ބަހައްޓައިގެން ގޭގައި ނުތިބެވޭނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މިކަހަލަ ހާލަތެއްގައި ގައުމެއް މަސައްކަތްކުރަން ޖެހޭނެ ގޮތަކީ އޮބައަޅައި ހިފަހައްޓައިގެން ނޫން ކަމަށާއި ފިޔަވަޅުތަކާއެކު ކޮންމެ މީހެއްގެ ފުލުގައި ފުލުހެއް ބަހައްޓައިގެން ނޫން ކަމަށެވެ. އަދި ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުނުކުރާ މީހުންނަށް ނަސޭހަތްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޒިންމާ އަދާނުކުރާ މީހާއާ ތިބޭފުޅުން ކަންކުރާ ގޮތް ވެސް އޮންނަން ޖެހޭނެ. އެމީހާ ނުރައްކަލަކަށް އެލަނީ މުޅި ގައުމު. އެހެންވީމާ އެކަހަލަ މީހުންނަށް އެ ނަސޭހަތްދިނުން. ނަސޭހަތްދިނުމުގައި އެބޭފުޅުންނާ މެދު މުއާމަލާތް ކުރާ ގޮތް ވެސް ކަން ކުރާ ގޮތް ވެސް ހުންނަން ޖެހޭނީ އެފަދަ ނުރައްކަލަކަށް ގައުމު ލާ މީހަކާ ދޭތެރޭ ކަންކުރާ ގޮތަށް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާ އިރު، މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.