މުޅި ހުޅުމާލެ ޑިސްއިންފެކްޓްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މާދަމާ ހެނދުނު މާލެ ޑިސްއިންފެކްޓް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި ހަމަ އެގޮތަށް މުޅި ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަން ނިންމާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، މާލޭގެ މަގުތަކުގައި ހުރި ޕެލެޓުތައް ނަގައި ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮވުމުގެ މަސައްކަތެއް އެ ކައުންސިލާއި އެމްއެންޑިއެފް ގުޅިގެން ކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން އަންނަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާ އިރު، މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.