ޚަބަރު

ފެލައިނީއާ ބައްދަލުވެފައިވާ ފަރަތްތައް ލަސްނުކޮށް އަމިއްލައަށް ވެސް ރިޕޯޓުކުރުމަށް އެދިއްޖެ

ރާއްޖެއިން ފުރި ފަހުން ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ބައްދަލުވެފައިވާ ފަރާތްތައް ލަސްނުކޮށް އަމިއްލައަށް ވެސް ރިޕޯޓުކުރުމަށް އެދިއްޖެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް އަށް ވަނަ ދުވަހުއެވެ. އަދި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތި ރަށް ރިސޯޓުގައެވެ.

ނަމަވެސް ކޮވިޑް 19 އަށް ފެލައިނީ ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއިން އެނބުރި ޗައިނާއަށް އޭނާ ފުރި ފަހުން، މިދިޔަ ހުކުރު ދުވަހުއެވެ.

ކޮވިޑް 19އާގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި، ފެލައިނީ ރާއްޖޭގައި ހުރި މުއްދަތުގައި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރުވެސް އެކަހެރިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ފެލައިނީގެ ކޭހާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ، ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވި ދެ މީހަކު ވެލިދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް މިއީ ނުރައްކާތެރި އަދި ކަންބޮޑުވުން އޮތް ކަމެއް ކަމުން ފެލައިނީ ހުރި ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު އޭނާއާ ކޮންޓެކްޓު ވެފައިވާ މީހުން އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް މަބުރޫކް އެދިވަޑައިގަތެވެ.

"ޓެގް ޓީމުން ކުރައްވާފައިވާ އިލްތިމާސަކީ މި ކުޅުންތެރިޔާ (ފެލައިނީ)އާ ބައްދަލުވެ ކައިރި ކޮންޓެކްޓެއް ވެފައިވާ، މާނައަކީ ސަލާންކޮށް އޭނާއަށް ސާވް ކުރި މީހަކު ވިޔަސް ވެސް މިގޮތަށް ކޮންޓެކްޓް ވެފައިވާ މީހެއް ވެއްޖެއްޔާމުން ލަސް ނުކުރައްވާ 1676 އަށް ގުޅާލަދިނުން،" މަބުރޫކް ވިދާޅުވިއެވެ.

މި ކޭސްގައި އަމިއްލަ އިސްނެގުމުގެ މަތިން ރިޕޯޓް ނުކޮށް، ކޮންޓެކްޓް ޓްރޭސިން އިން ފެންނަންދެން މަޑުކޮށްގެން ތިބޭކަން ފާހަގަކުރޭތީ އޭނާ އިތުރަށް ވިދާޅުވީ، އެހެން ނަހައްދަވާ ކުޅުންތެރިޔާއާ ކޮންޓެކްޓް ވެފައިހުރިނަމަ ކަމާބެހޭ ފަރާތްތަކަށް އަންގަމުން ގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިއީ އެއާޕޯޓަށް ދަތުރުކުރި ކުޅުންތެރިއަކަށްވާތީ ކޮންޓެކްޓް ވެފައި ތިބި މީހުން މާލެ ސަރަހައްދުގައި އުޅެދާނެ ކަމަށް ބެލެވޭތީ ކޮންމެ ބޭފުޅެއް ވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް،" މަބުރޫކް ވިދާޅުވިއެވެ.