ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ މަގުތައް ދޮވެ ސާފު ކުރުމާއި ކުނި ޖަމާވާގޮތަށް އަދި މަގުމަތީގައި ހަޑިކޮށް ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ކުރަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެެންޑީއެފް ގުޅިގެން ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެ މަސައްކަތް ކުރަމުންދާއިރު ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ހުންނަ ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް މާދަމާ ހެނދުނުން ފެށިގެން ކުރިއަށްގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާއިރު މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.