ޚަބަރު

އަދީބު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެސީއަށް ސޮއިކުރައްވައިފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު، އަލަށް އުފައްދާ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ސޮއިކުރައްވައިފިއެވެ.

މިއަދު އަދީބު އެ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު އެމަނިކުފާނަކީ އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅާ އެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިއަދެވެ.

އެ ޕާޓީ އަކީ ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް، އިސްމާއީލް އާސިފް އިސްވެ ހުންނަވައި އުފައްދާ ޕާޓީއެކެވެ.

އަދީބު އެ ޕާޓީއަށް ގުޅިވަޑައިގެންނެވި އިރު މިވަގުތު އެމަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ. އަދީބު ގޭބަންދަށް ބަދަލުކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފައި މިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަދީބު ގެއަށް ބަދަލުކުރުމަށް އަންގާފައި ވަނިކޮށެވެ.