އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން އެކުންފުނީގައި މަސައްކަތް ކުރާ ހައި ރިސްކު މުވައްޒަފުންނާއި 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރައާއެކު 30 ދުވަހާ ހަމައަށް ޗުއްޓީއެއް ދޭން ނިންމައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެކުންފުނީގައި މަަސައްކަތްކުރާ ހިތުގެ ބަލި ހުންނަ މުވައްޒަފުންނާއި، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މުވައްޒަފުންނާއި، ކެންސަރާއި، ޑައިބެޓިސް އާއި ހައިޕާޓެންޝަންގެ އިތުރުން މާބަނޑު މުވައްޒަފުންނާއި، 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރައާއެކު 30 ދުވަހާ ހަމައަށް ޗުއްޓީއެއް ދިނުމަށް އެކުންފުނީގެ މެނޭޖުމެންޓުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށްވެސް އެއް މަސް ދުވަހާއި ތިން މަސް ދުވަހުގެ މުއްދަތަކަށް ނޯޕޭ ލީވްއެއް ދިނުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުނީގެ މެނޭޖުމެންޓުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ބޯޑު މެންބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް "ވަން"އަށް ވިދާޅުވީ، މެނޭޖުމެންޓުން އެ ނިންމުން ނިންމާފައިވަނީ ކޮވިޑް 19އާ ގުޅިގެން މުވައްޒަފުންނަށް ފަސޭހަކޮށްދިނުމުގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ރާއްޖެ އާންމު ހާލަތަކަށް އައުމުން އެ ނިންމުންތަކަށް ބަދަލު އަންނާނެ ކަމަށާއި އެ ނިންމުންތަކުގެ ސަބަބުން މޯލްޑިވިއަންގެ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.