ޚަބަރު

ޕީޕީއެމުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އައިދާ އަބްދުލް ހަކީމް

2

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ އިދިކޮޅު މައި ޕާޓީ، ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "ވަން" އަށް ވިދާޅުވީ މިއަދު ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޕީޕީއެމްގެ އެކިއެކި ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތްތަށް އިސްނަގައިގެން ފެށި ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބެންދެން ޕީޕީއެމުން އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ތެލެސީމިއާ ސެންޓަރުގައެވެ.

"އަޅުގަނޑުމެން މި ހަރަކާތް މިފެށީ ކޮވިޑް 19އާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާ ކަމަށް ތެލެސީމިއާ ސެންޓަރުން ހާމަކުރުމާއި ގުޅިގެން. މިދަނޑިވަޅުގައި ގިނަމީހުންނަށް ހީވެފައި އޮންނަނީ ކަމަށް ވެދާނެ ލޭ ހަދިޔާ ކުރުމުން ވެސް ކޮވިޑް 19 ޖެހޭކަމަށް. އެހެންވުމުން ކުރިން ލޭ ދެމުން އައި ފަރާތްތައް ވެސް ލޭދިނުން ހުއްޓާލީމަ ދަތިތަކެއް އައީ ކަމަށް މިބެލެވެނީ. އެހެންވެ އަޅުގަނޑުމެން ނިންމީ އެހެން މީހުންނަ މިކަމުގެ މައުލޫމަތު ދިނުމުގެ ގޮތުނާއެކު މިކަން ކުރިއަށް ގެންދަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ކެމްޕެއިން ކުރައަށް ގެންދަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އެއް ފަހަރާ ގިނަ މީހުން އެއް ނުވާނެ ގޮތަށް ފަހަރަކު ހަތަރު މީހުން ލޭ ދޭ ގޮތަށެވެ.

އެގޮތުން ލޭ ހަދިޔާ ކުރާ ތަން ވެސް އިޖްތިމާއީ ގައިދުރުކުރުން (ސޯޝަލް ޑިސްޓެންސް) ހުންނާނެ ގޮތަށް ތެލެސީމިއާ ސެންޓަރުން ހަމަޖައްސާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ލޭ ދިނުމުގައި ވެސް ބަލި ނުފެތުރޭނެހެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން އިއްޔެ ވަނީ އެދިފައެވެ. އެގޮތަށް އިއުލާނު ކުރުމުން އިއްޔެ 83 ފަރާތަކުން ވަނީ ލޭ ހަދިޔާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟