ޚަބަރު

މަނާކޮށްފައި ވަނިކޮށް ރިސޯޓަކަށް އެރި މުވައްޒަފުގެ ބަންދަށް 15 ދުވަސް

ކޮވިޑް 19އާ ގުޅިގެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާކޮށްފައި ވަނިކޮށް، ހއ. އަތޮޅުގެ ރިސޯޓަކަށް އެރި އެ ރިސޯޓުގެ މުވައްޒަފުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

ފުލުހުން ބުނީ، މަނާކޮށްފައި ވަނިކޮށް ރިސޯޓަކަށް އެރުމުން ހައްޔަރުކުރި މުވައްޒަފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާގެ އިތުރުން ފުލުހުން އިއްޔެ ވަނީ ރިސޯޓަކުން ފިލައިގެން މާލެ އައިސް، ފުވައްމުލައް ސިޓީއަށް ދިޔަ ދެ މުވައްޒަފަކު ވެސް ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފައެވެ.