ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު، އިއްޔެ ރާއްޖެ ވަޑައިގަތުމުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކަރަންޓީންކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު 14 ދުވަހަށް ކަރަންޓީން ކޮށްފައިވަނީ ތައިލެންޑުން އެނބުރި ރާއްޖެ ވަޑައިގަތުމުން ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު ކަރަންޓީން ކޮށްފައިވަނީ މަލަހިނި ކުޑަ ބަނޑޮހުގައި ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައެވެ.
ޖިހާދުގެ އިތުރުން ބެންކޮކުން ރާއްޖެ އައި 15 މީހުން މީހަކު ވެސް އެ ރިސޯޓުގައި ވަނީ ކަރަންޓީން ކޮށްފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެ އެތެރެވާ ފަތުރުވެރިން ފިޔަވާ ހުރިހާ އެންމެން ކަރަންޓީން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިއްޔެ ވަނީ ނިންމައިފައެވެ
އެގޮތުން އެފަދަ އެންމެން ސަރުކާރުން ކަނޑައަޅައި ވަކި ހާއްސަ ތަނެއްގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭނެއެވެ.
ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ސަރުކާރުން ވަނީ 10 ރަށެއް ކަނޑައަޅައިފައެވެ. އެ ތަންތަނުގައި މިވަގުތު 441 މީހުން އެބަ ތިބި ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ތިން މީހަކު އެބަލިން ވަނީ ރަނގަޅުވެފައެވެ.