ޚަބަރު

ގާނޫނީ ވަކީލު ހަސީން އަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަލުން ދީފި

އަހުމަދު ޖައިޝަން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އަށް އަލުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް "ވަން އޮންލައިން"އަށް ވިދާޅުވީ ހަސީންގެ ޕާޓީ އަލުން އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ކުރިންވެސް ހުށަހެޅި ނަމުގައި ކަމަށެވެ.

އަކްރަމް ވިދާޅުވީ ހަސީން އަށް އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަލުން ދީފައި ވަނީ ހަސީނަށް ދިން މުހުލަތުގެ ތެރޭގައި 3،000 މީހުން ހަމަނުވުމުން އަލުން ޕާޓީއެއް އުފެއްދުމަށް އޭނާ ހުށަހެޅުމުން ކަމަށެވެ.

އެ ހުއްދަ ހަސީނަށް ދީފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުން ދީފައި އޮންނަ މުއްދަތުގެ ތެރޭގައި މެންބަރުން ހަމަ ނުވާނަމަ އެ ހުއްދަ އުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފައްދަން 3000 މީހުން ހަމަކުރުމަށް ހަސީނަށް ހުއްދަ ދީފައި ވަނީ މިއަހަރުގެ އޮގްސްޓް މަހުގެ ފަސްވަނަ ދުވަހުގައެވެ. އަދި މި މަހުގެ ފަސްވަނަ ދުވަހަށް އެމުއްދަތު ވަނީ ހަމަވެފައެވެ. އެހެންކަމުން ހުއްދަ އުވި އަލުން ހުށަހެޅުމުން ހުއްދަ ދެއްވީ ކަމަށް އަކްރަމް ވިދާޅުވިއެވެ.