ދުނިޔޭގައި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުނަމާދު ހަމައެކަނި މާލޭގެ އާސަހަރާގެ މަސްޖިދުއް ތައާވުނުގައި އާއި ހުޅުމާލޭގެ މަސްޖިދުއް ޒައިދް ބިން ޘާބިތްގައި ކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށާއި އެ ދެ މިސްކިތުގައި ކަށު ނަމާދު ކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑި އިރު ފަހުން ކަމަށެވެ.
މީގެ އިތުރުން މައްޔިތަކު ސަހަރާއަށް ގެންދިއުމަށްފަހު ވީހާވެސް އަވަހަށް ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ވަޅުލުމަށް ޖަމާއަތްތެރިންނާއި އާއިލާގެ މީހުން އިސްކަން ދިނުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކޮވިޑް19 އާއި ގުޅިގެން ސިޓީކައުންސިލުން ވަނީ މާލެސީޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާބޯތަކެތި ވިއްކާ ތަންތަނާއި ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް އެޗްޕީއޭ އާއި ގުޅިގެން ކެމްޕެއިނެއް ވެސް ފަށާފައެވެ.