ކޮވިޑް 19 އާއި ގުޅިގެން ސާޖިކަލް މާސްކާއި ހޭންޑް ސެނިޓައިޒާގެ އިތުރު ބައެއް އެހެން ތަކެތިން ވެސް އިމްޕޯޓް ޑިއުޓީ ކަނޑާލައިފި ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
"ވަން" އޮންލައިނަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެތެރެކުރާ ތަކެތީގެ ތެރެއިން، އަލަށް ޑިއުޓީ މައާފު ކުރަން ނިންމީ ޕްރޮޓެކްޓިވް މާސްކާއި ފޭސް ޝީލްޑާއި ޕްރޮޓެކްޓިވް އަންގި އާއި ހޭންޑް ވޮޝް އަދި ޑިސް އިންފެކްޓެންޓް ކުރާ ތަކެތީން ކަމަށެވެ.
ދުނިޔޭގައި މިހާރު ހަވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރާއްޖެއިން ކޮވިޑް19 ފެނި އެބައްޔަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ތިން މީހުން ވަނީ މިހާރު އެބަލިން ރަނގަޅުވެފައެވެ. އަދި ބާކީ ތިބި 10 މީހުންގެ ހާލު ގޯސް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރާއްޖެއިން މިބަލި ފެނިފައިވީނަމަވެސް މިހާތަނަށް ދިވެއްސަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.