ރާއްޖޭގައި މަސައްކަތް ކުރުމަށް ދީފައިވާ ހުއްދަ ހަމަވެފައިވާ މީހުންގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މަސައްކަތް އަލުން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް 19ގެ ސަބަބުން މިމަހު 19 އިން 26 އަށް ސަރުކާރު ބަންދު ކުރުމާއި ގުޅިގެން އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ހިދުމަތްތައް އެ މިނިސްޓްރީން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރު ކުރުމުގެ ހިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވު ކުރުމުގެ ހިދުމަތް މިނިސްޓްރީން ދެމުން އައީ އެކްސްޕެޓް އޮންލައިން ސިސްޓަމުންނެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ބައެއް ހިދުމަތްތައް އަލުން ދޭން ފަށަން ނިންމާފައިވަނީ މި ދަނޑިވަޅުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެއްޖެނަމަ ދިމާވާނެ ދަތިތަކަށް ބެލުމަށް ފަހު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ކޯޓާގެ މުއްދަތު އިތުރު ކުރުމުގެ ހިދުމަތުގެ އިތުރުން އެމްޕްލޯއިމަންޓް އެޕްރޫވު ކުރުމުގެ ހިދުމަތް މިއަދުން ފެށިގެން މިމަހު 26 ނިޔަލަށް ކޮންމެދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ދެމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތް ދެމުން ގެންދާނީ އެކްސްޕެޓް އޮންލައިން ސިސްޓަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.