އިބްރާހިމް ޒަކީ
އަދިވެސް ވަރަށް ގިނަ ދިވެހިން އެނބުރި ރާއްޖެ އަންނަ އިރު، އަންނަނީ ރަޖިސްޓްރީ ނުކޮށް ކަމަށާއި އެކަމުގެ ސަބަބުން އެއާޕޯޓުން ގޮންޖެހުންތަކެއް ދިމާވާ ކަމަށް ކޮވިޑް 19 ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ރާއްޖެ އަންނަ މީހުންގެ މައުލޫމާތު ލިބެނީ މެނިފެސްޓް ފެނުނީމަ ކަމަށެވެ. އެހެންކަމުން ލޮޖިސްޓިކަލް ސަޕޯޓަށް ދަތިވެ އެއާޕޯޓްގައި ކޮންމެވެސް ވަރަކަށް މީހުން މަޑުޖެހެން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ފަތުރުވެރިން ނޫން މީހުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން އެމީހުންގެ މައުލޫމާތު ފޮރިިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރަން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެއީ ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމާފައިވާތީއެވެ.
މަބްރޫކު ވިދާޅުވީ މިހާރު ކޮވިޑް 19 އަށް ކުރަން ޖެހޭ މަސައްކަތުގެ 80 ޕަސަންޓަކީ ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައުލޫމާތު ލިބެނީ މެނިފެސްޓް ފެނުނީމަ. އޭގެ މާނައަކީ އެބޭފުޅުން އަނބުރާ އައުމުގެ މަސައްކަތް އޭރު އޮންނަނީ ފަށާފަ. އެހެންވީމާ ގޮންޖެހުންތަކެއް އެބަހުރި. އަދި އެއާޕޯޓުގައި ގިނައިރުތަކެއް އެބަވޭ. އެހެންނަމަވެސް އިއްޔެއާއި ކުރީ ދުވަހަށްވުރެ މިއަދު ރަނގަޅުވާނެ. ކޮންމެ ދުވަހަކުވެސް އިތުރު މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިހާރު ކޮވިޑް 19އަށް އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތުގެ 80 ޕަސަންޓަކީ ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތޭ ބުންޏަކަސް ދޮގަކަށް ނުވާނެ،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދެދުވަހު ވައިގެމަހުން ރާއްޖެއައި މީހުންގެ އަދަދުތަކަށް ބަލާއިރު، 192 ދިވެހިންނާއި 326 ޓޫރިސްޓުންނާއި އެމްޕްލޯއި ވިސާތަކުގައި އައި 54 މީހުން ހިމެނޭ ކަމަށެވެ.