ޚަބަރު

ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް މިހާތަނަށް 12.1 މިލިއަން ޑޮލަރު ޖަމާކޮށްފި

ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ކުރިމަތިލުމަށާއި އެ ވަބާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އުފެއްދި ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް މިހާތަނަށް 12.1 މިލިއަން ޑޮލަރު ޖަމާކޮށްފިއެވެ.

ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް އުފެއްދި ފަންޑެކެވެ. އެ ފަންޑު އުފެއްދުމަށް ބޮޑުވަޒީރު މޯދީ ހުށަހެޅުއްވީ އެމަނިކުފާނުގެ އިސްނެންގެވުމަށް މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެ ފަންޑު އުފައްދައި އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައެވެ. އެ ފަންޑަށް މިހާތަނަށް އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައިވަނީ ވެސް އިންޑިއާ އިންނެވެ.

ސާކުގައި އަށް ގައުމެއް ހިމެނޭއިރު އެ ފަންޑަށް މިހާތަނަށް ފައިސާ ޖަމާކޮށްފައިވަނީ ފަސް ގައުމެކެވެ. އެއީ އިންޑިއާގެ އިތުރުން ރާއްޖެ، ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާނެވެ. ފަންޑަށް މިހާތަނަށް ފައިސާ ޖަމާކޮށްފައި ނުވަނީ ސްރީ ލަންކާ، ބަންގުލަދޭޝް އަދި ޕާކިސްތާނުންނެވެ.

އެގޮތުން ރާއްޖެއިން އެ ފަންޑަށް ދެ ލައްކަ އެމެރިކާ ޑޮލަރު ޖަމާކުރަން ނިންމާފައިވާއިރު ބޫޓާނުން ވަނީ އެއް ލައްކަ އެމެރިކާ ޑޮލަރު ލައިފައެވެ. އަދި އަފްގާނިސްތާނުން އެއް މިލިއަން ޑޮލަރު އަދި ނޭޕާލުން 830،000 ޑޮލަރު ޖަމާކުރަން ވަނީ ނިންމައިފައެވެ.