ޚަބަރު

ދިވެހި ދަރިވަރުންނަށް މެލޭޝިއާއިން ބޭރަށް ދަތުރު ކުރެވޭނެ، ކިޔަވާ ޔުނިވާސިޓީގެ ހުއްދަ ނަގަންޖެހޭނެ: ހައި ކޮމިޝަން

މަރިޔަމް ޝަހުދާ

މެލޭޝިއާއިން ބޭރަށް ދަތުރުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ކިޔަވާ ޔުނިވާސިޓީގެ ހުއްދަ ނަގައިގެން ދަތުރުކުރެވޭނެ ކަމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނެފިއެވެ.

މެލޭޝިއާ ހައި ކޮމިޝަނުން މިއަދު ބުނީ، އެގައުމުގައި ކިޔަވަމުންދާ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ދަތުރު ނުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެ ދަރިވަރުންނަށް މެލޭޝިއާއިން ބޭރަށް ދަތުރުކުރެވޭނެ ކަމަށް މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ބޭރު ގައުމުތަކުގެ ދަރިވަރުންނަށް އެގޮތަށް ދަތުރުކުރެވޭނީ އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީގެ ހުއްދައަކާއެކު ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އަދި ބުނީ، އެ ހުއްދައާއެކު މެލޭޝިއާއިން ބޭރަށް ދަތުރުކުރާ ދިވެހި ދަރިވަރުން ފުރުމުގެ ކުރިން ހައި ކޮމިޝަންގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން މެލޭޝިއާ ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ފިޔަވަޅާއެކު މިމަހުގެ ނިޔަލަށް މެލޭޝީއާގައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް އެގައުމުން ބޭރަށް ނުދެވޭ ގޮތަށް ވަނީ ނިންމައިފައެވެ.

ނަމަވެސް އެއީ އޭގެ ތެރެއިން ވިސާ ހަމަވާ ފަރާތްތައް އިސްތިސްނާވާ ގޮތަށް ކަމަށް މީގެ ކުރިން މެލޭޝިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.