ކޮވިޑް 19ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އަތުވެއްޖެނަމަ އެކަން ޖޮބް ސެންޓަރަށް ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާނަމަ ނުވަތަ މުސާރަ އާއި އެލަވެންސަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރު (http://jobcenter.mv) އެހީގައި އެކަން ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އެ މައުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެކޮނޮމިކް މިނިސްޓްރީން ބުނީ، މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް 19 ރާއްޖެއިން ފެނުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކަށް ހީނަރު ކަމެއް އައިސްފައިވާކަމަށެވެ. އަދި ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ސަރުކާރުން އިސްނަގައިގެން ވިޔަފާރިތަކަށް ކޭޝް-ފްލޯ ފައިނޭންސިންގް ސްކީމު ފަހިކޮށްދިނުން ފަދަ އެކި ފިޔަވަޅު ސަރުކާރުން އަޅަމުން އަންނަކަން ފާހަގަކުރެއްވިއެވެ.