ވަޒީފާ އަދާކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެ ވެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއް ލިބިފައިވާނަމަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް މިއަދުން ފެށިގެން ކަރަންޓީން ކުރަން ޖެހޭނެ ކަމަށެވެ.
ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ބިދޭސީން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބަޔާނުގައިވެއެވެ.
އެ ނިންމުމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަށް މިރޭ 23:59 އިން ފެށިގެން އަމަލުކުރަން ފަށާއިރު އަލަށް ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެ ވެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހުއްދައާއެކު ކަމަށެވެ.
އެ ހުއްދަ ނެތި ރާއްޖެ އަންނަ ފަރާތްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފުރުވާލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެދޭނަމަ އެއާޕޯޓު ޑިއުޓީ މޯބައިލް ނަންބަރު، 9555222 އަށް ގުޅުމަށް އެދެއެވެ.