ކޮވިޑް 19އާ ކުރިމަތިލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ ނިންމެވުންތަކަކީ ފަސޭހަ ނިންމެވުންތަކެއް ނޫން ކަަމަށާއި ނަމަވެސް އެ ނިންމެވުންތައް އެމަނިކުފާނު ނިންމަވަނީ އެންމެންގެ ލާބަ އާއި މަންފާއަށް ވިސްނަވާފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވީޑިއޯ މެދުވެރިކޮށް މިނިސްޓަރު މާރިޔާ ދެއްވި މެސެޖެއްގައި ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ރައީސް ސޯލިހު ވަރަށް ގާތުން ކަންކަން ބައްލަވައި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ބައްޔާ ދެކޮޅަށް ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވަނީ ކަމުގެ މާހިރުންގެ ލަފަޔާއެކު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ދާންޖެހޭއިރު އެތަނުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އެ ދަތިތައް ތަހައްމަލްކޮށް ދައްކާ ކެއްތެރިކަން ވަރަށް ހެޔޮހިތުން ބަލައިގަނެ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ/
ކޮވިޑް 19އާ ގުޅިގެން ކަރަންޓީން އަދި އައިސޮލޭޝަންގައި މިވަގުތު 229 އެބަ ތިއްބެވެ. އެއީ ވިލިވަރު އައިސޮލޭޝަންގައި 28 މީހުން، ހުޅުލޭ އައިލެންޑް ހޮޓަލުގައި 126 މީހުން، ވެލިދޫ އައިސޮލޭޝަންގައި 16 މީހުން އަދި ފަން އައިލެންޑްގައި 59 މީހެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 އަށް 593 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 580 މީހުން ނެގެޓިވެފައިވާއިރު 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުން މިހާރު ވަނީ އެބަލިން ރަނގަޅުވެފައެވެ.