ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ހަދިޔާކުރި ދެ ލައްކަ ޑޮލަރަކީ އެ ވަބާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީގެ އިސްނެންގެވުމަކަށް އުފެއްދި ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގު ކުރައްވާ ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިލީފް ފަންޑަށް ރާއްޖެއިން ހަދިޔާކުރި ފައިސާއަށް ދިވެހި ސަރުކާރަށް ނުހަނު ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑު އުފައްދަން އިންޑިއާގެ މޮޑު ވަޒީރު ނަރެންދްރަ މޯދީ ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސްނެންގެވުމަށް މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯދީ ވިދާޅުވީ، އެ ފަންޑު އުފައްދާއިރު އިންޑިއާއިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށާއި އެހެން ގައުމުތަކުން ވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.
ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސްޓްރެޓަޖީއެއް އެކުލަވާލުމަށް ބޭއްވުނު ޓެލެކޮންފަރެންސެކެވެ.