ޚަބަރު

ޕެރޯލް ބޯޑަށް ހުށަހެޅިފައިވާ ގައިދީންގެ އިންޓަވިއުތައް ވެސް އޮންލައިންކޮށް

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން ޕެރޯލް ބޯޑަށް ހުށަހެޅިފައިވާ ގައިދީންގެ އިންޓަވިއުތައް ވެސް އޮންލައިންކޮށް ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ކޮވިޑް 19އާ ގުޅިގެން އެ ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު 13 ގައިދީންނާ އިންޓަވިއު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ގައިދީންނާއި އިންޓަވިއު ކުރަނީ ޕެރޯލް ބޯޑުގެ ބައްދަލުވުން ބާއްވާ ދުވަހު އެކަމަށް ހަމަޖައްސާފައިވާ ވަކި ތަނެއްގައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ޔުސްރީން އަހުމަދު "ވަން" އަށް ވިދާޅުވީ އާންމުކޮށް އެފަދަ ބައްދަލުވުންތައް ބާއްވަނީ ހަފްތާއަކު އެއްފަހަރު ކަމަށްވީ ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގައިދީންގެ އިންޓަވިއު ނެގުމަށް ނިންމި ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށެވެ.

ކޮވިޑް 19 ރާއްޖެއިން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ވަނީ މިމަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުން އަދި ކަރެކްޝަން އޮފިސަރުންގެ ސަލާމަތަށް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތަކާއި ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުން ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އަދި ޖަލުތައް ސާފުކޮށް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތެއް ވެސް ކަރެކްޝަނުން ވަނީ ކޮށްފައެވެ.