ރިޔާޒް ރަޝީދު

މެންބަރުން ވަކިވާ ގޮތަށް ހެދި ގާނޫނު ބާތިލުކުރަން ޖެހޭ: ރިޔާޒް

1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ޕާޓީ އަކަށް ބަދަލުވުމުން، ނުވަތަ އޭނާ ހުރި ޕާޓީން ހިތްހަމަ ނުޖެހޭ ކޮންމެ ހާލަތެއްގައި އެ މެންބަރެއްގެ މަގާމު ގެއްލޭ ގޮތަށް ފާސްކުރި ގާނޫނު ބާތިލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފްލޯރ ކޮރޮސިން އާ ބެހޭ ގާނޫނާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ނަމަވެސް ރިޔާޒު ރަޝީދު ވަނީ ފަހުން އެގާނޫނު ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ، އޭނާ އަބަދުވެސް އެގާނޫނާ ދެކޮޅު ކަމަށާއި މެންބަރުން މަޖިލީހަށް ހޮވެނީ އެތައް ހާސް ރައްޔިތުންނެއްގެ ވޯޓުން ކަމަށާއި އޭނާ ނިސްބަތްވާ ޕާޓީން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ގޮނޑިއާ ކުޅެވޭ ގޮތަށް އޮވެގެން ނުވާނެ ކަމަށެވެ.

"އެހެން އޮތީމަ މިވާ ގޮތަކީ މެންބަރުންގެ ހަގީގީ މިނިވަންކަން ގެއްލެނީ. ރައްޔިތުންގެ މަންދޫބުން ތިބެން ޖެހޭނީ ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރެވޭ ގޮތަށް. ޕާޓީން ވަކިވިޔަސް ޕާޓީން ބޭނުން ނުވާ ގޮތަކަށް ވޯޓު ދިނަސް ގޮނޑި ގެއްލިގެން ނުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލަށް އިންތިޚާބުވި ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި ރައްޔިތުންނާ ގުޅުން ހުންނަ ކަންކަމުގައި ޕާޓީގެ ވިޕްލައިނާ ޚިލާފު ވާން ޖެހުނަސް ސަޕޯޓު ދެއްވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟