މާދަމާ އިން ފެށިގެން އިންޑިއާގެ ހުރިހާ އެއާޕޯޓަކަށް ފްލައިޓު ދަތުރުތައް ހުއްޓާލަން ނިންމާފައިވާތީ، އެގައުމަށް ބޭސްފަރުވާއަށާއި އެނޫން ވެސް ބޭނުންތަކަށް ގޮސް، ތާށިވެފައި ތިބި ދިވެހިންގެ ކަންކަން ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންގެންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން އިންޑިއާގެ ހުރިހާ އެއާޕޯޓެއް ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާތީ އެ ހާލަތު ބަދަލުވަންދެން އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނަށް، އެގައުމުގައި ރައްކާތެރިކަމާއެކު ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"ބޭސްފަރުވާ ކުރަން ދިޔަ މީހުންނަކަށް އަމިއްލައަށް ހޮޓަލެއް ހިފައިގެން މި މުއްދަތަކު ނުތިބެވޭނެ. އަދި ބޭސް ވެސް އެމީހުން ކުރަންޖެހޭ ފަރުވާ ވެސް ހުރޭ. އެހެންވީމަ ސަރުކާރުގެ ވިސްނުމަކީ އެމީހުންނަށް ތިބެވޭނެ ގޮތްގޮތާއި ބޭސްފަރުވާ ކުރެވޭނެ ގޮތާއި ރާއްކާތެރިކޮށް މިވަގުތު މަޑު ކުރެވޭނެގޮތް ހަމަޖެއްސުން. އިތުރު ޑިޒިޝަނެއް ނެގުމާއި ހަމައަށް،" މަބްރޫކް ވިދާޅުވިއެވެ.
''ވަން'' އަށް އެނގިފައިވާ ގޮތުގައި، ބޭސްފަރުވާގެ ކަންކަމަށް ދިޔަ މީހުންގެ އިތުރުން އެހެން ބޭނުންތަކަށް ވެސް އިންޑިއާއަށް ގޮސް ނާދެވި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެވޭނެ ގޮތްތަކަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ ދަނީ މަޝްވަރާ ކުރަމުންނެވެ.
މަބުރޫކް އިތުރަށް ވިދާޅުވީ ޗައިނާގެ ވުހާންގައި ތިބި ދިވެހިން އަބުރާ ގައުމަށް ގެނެވުނު ގޮތަށް އިންޑިއާ އަދި ފިލިޕީންސްގެ މެނީލާގައި ތިބި ދިވެހިންނަށް ވެސް ރައްކާތެރިކަމެއް ނެތްކަން ފާހަގަކުރެވޭ ހިސާބަށް އެގައުމުގެ ކަންކަން ގޮސްފިނަމަ، ދެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.