މިހާރު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި މީހުންގެ އަދަދު 229 އަށް އަރާފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ދުވަހަކު ދަރުބާރުގޭގައި ބާއްވާ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މީހުން ބޭތިއްބުމަށް ހަމަޖައްސާފައިވާ ތަންތަނުގެ ތެރެއިން މިހާރު މީހުން ތިބީ، ވިލިވަރު އައިސޮލޭޝަންގައި 28 މީހުން، ހުޅުލޭ އައިލެންޑް ހޮޓަލުގައި 126 މީހުން، ވެލިދޫ އައިސޮލޭޝަންގައި 16 މީހުން، އަދި ފަން އައިލެންޑްގައި 59 މީހުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ބޭނުންވާ އެނދުގެ އަދަދު ހަމަކުރުމަށް އިތުރު ރިސޯޓުތަކާއި އެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ވަނީ 593 މީހުން ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން 580 މީހުން ނެގެޓިވްވި އިރު 13 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހުން މިހާރު ރަނގަޅުވެފައިވާއިރު ބާކީ ތިބީ 10 މީހުންނެވެ.