ކޮވިޑް 19 އާއި ގުޅިގެން މީހުން ކަރަންޓީނު ކުރުމަށްޓަކައި ރާއްޖޭގެ އިތުރު ހަތަރު ރިސޯޓެއް ބޭނުން ކުރަން ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ހާމަކުރުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒު ވިދާޅުވީ، ކޮވިޑް 19އާއި ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އެދިފައިވާ މިންވަރަށް އެނދު ހަމަކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ވެސް ވެލިދޫ އާއި ވިލިވަރު އަދި ފަން އައިލެންޑް ރިސޯޓުގައި މީހުން ކަރަންޓީން ކުރަމުން އަންނައިރު އިތުރު ހަތަރު ރިސޯޓެއް ކަރަންޓީން ފެސިލީތައް ގާއިމް ކުރަން ސަރުކާރަށް އެރަށްތައް ދޫކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
އެ ރަށްތަކަކީ މަލަހިނި ކުޑަ ބަނޑޮހާއި ނަކަތް ދިއްގިރި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓުގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓެވެ.
މަބުރޫކް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތަށް ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި އެގޮތުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މީހުން ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށެވެ.
މަބުރޫކް އިތުރަށް ވިދާޅުވީ، މި ރިސޯޓުތައް ސަރުކާރުން ދޫކުރަނީ ރާއްޖޭގެ ރައްޔިތުންނަށް އެ ރިސޯޓްތަކުން ކޮށްދޭ ކަމެއްގެ ގޮތުން އެއްވެސް އެއްޗެއް ދައުލަތަށް ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ.
އެގޮތުން އެތަނުގައި ކަރަންޓީންކުރާ މީހުންނަށް ކެއުން ބުއިމާއި ކަރަންޓާއި ފެނުގެ ހަރަދު ހަމަޖައްސަމުން ގެންދާނީ ދައުލަތުގެ ފަރާތުން ޑިިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކަމަށް މަބުރޫކް ވިދާޅުވިއެވެ.