މި އަހަރުގެ ޑައުންސިންޑްރޯމް ދުވަހުގެ ހަރަކާތްތައް މިރޭ ޓެލަކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ނިންމައިފިއެވެ.
ބިއުޓިފުލް އައިސްގެ ފައުންޑާ އަހުމަދު އަންސާމް "ވަން" އަށް ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑުރޯމް ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ޓެލަކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމީ ކޮވިޑް 19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގޭގައި ތިބުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ތަބާވުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ޓެލަކޮންފަރެންސްކޮށް މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެނަލް ޑިސްކަޝަނެކެވެ. އެ ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ މިރޭ 8:00 އިން 9:30 އަށެވެ.
އެ މަޝްވަރާގައި އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފުގެ އިތުރުން ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންނާއި ޓީޗަރުނާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތަޖުރިބާކާރުން އަދި ބިއުޓިފުލް އައިސްގެ ބޭފުޅުން ބައިވެރިވެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އަންސަމް ވިދާޅުވިއެވެ.
ޑިސްކަޝަނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ރެއިން ފެށިގެން ވަނީ ބިއުޓިފުލް އައިސްގެ ފޭސްބުކް މެދުވެރިކޮށް ހުޅުވާލައިފައެވެ. އަދި ޕެނަލް ޑިސްކަޝަން ބިއުޓިފުލް އައިސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފެންނާނެއެވެ.
އަންސާމް ވިދާޅުވީ މި ޕެނަލް ޑިސްކަޝަންގައި މާބަނޑު ދުވަސްވަރު ޑައުން ސިންޑުރޯމަށް ބަލަން ހަދާނެ ގޮތާއި ޑައުން ސިންޑުރޯމް ހުންނަ ކުއްޖެއް އަލަށް ލިބޭ ބެލެނިވެރިން އަމަލު ކުރާނެ ގޮތުގެ އިތުރުން ޑައުން ސިންޑުރޯމްގެ ކުދިންނަށް ކިޔަވައިދޭނެ ގޮތާއި އަދި އެފަދަ ކުދިން ގެންގުޅޭނެ ގޮތުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
ބިއުޓިފުލް އައިސްގައި ޑައުން ސިންޑްރޯމް ހުންނަ ގާތްގަނޑަކަށް 60 ކުދިން ރަޖިސްޓަރީ ކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގައި އެފަދަ 1،000 ކުދިން އުޅޭނެ ކަމަށް އެ އެސޯސިއޭޝަނުން ލަފާކުރެއެވެ.