ޚަބަރު

ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުން އައި އިތުރު މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަ ވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކޮންމެ ދުވަހަކު ދަރުބާރުގޭގައި ބާއްވާ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވް 13 މީހުންގެ ތެރެއިން އިތުރު މީހަކު އެބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު އެބަލި ޖެހުނު މީހުންގެ ތެރެއިން ތިނ ް ހުން މިހާތަނަށް ވަނީ ބަލިން ފަސޭހަ ވެފައެވެ.

ކޮވިޑް19 އާއި ގުޅިގެން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި މީހުންގެ އަދަދު 229 އަށް އަރާފައިވާ އިރު، މީހުން ބޭތިއްބުމަށް ހަމަޖައްސާފައިވާ ތަންތަނުގެ ތެރެއިން މިހާރު މީހުން ތިބީ، ވިލިވަރު އައިސޮލޭޝަންގައި 28 މީހުން، ހުޅުލޭ އައިލެންޑް ހޮޓަލުގައި 126 މީހުން، ވެލިދޫ އައިސޮލޭޝަންގައި 16 މީހުން، އަދި ފަން އައިލެންޑްގައި 59 މީހުން ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ބޭނުންވާ އެނދުގެ އަދަދު ހަމަކުރުމަށް އިތުރު ރިސޯޓުތަކާއި އެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް19ގެ އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތްތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ވަނީ 593 މީހުން ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން 580 މީހުން ނެގެޓިވްވި އިރު 13 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހުން މިހާރު ރަނގަޅުވެފައިވާއިރު ބާކީ ތިބީ 10 މީހުންނެވެ.