ފަތުރުވެރިން ނޫން މީހުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން ދަތުރުކުރާ މީހުން އެމީހުންގެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިގޮތަށް އެދިފައި މިވަނީ، ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމާފައިވާތީއެވެ. އޭގެ ތެރޭގައި ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ މީހުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓަރީ ކުރުމަށް ކުރަމުންދާ އިލްތިމާސް ތަކުރާރު ކޮށްއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ނިންމުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަންބަރާއި ދަތުރުކުރާ ފްލައިޓުގެ ތަފްސީލު އެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރަން އެދޭ ކަމަށެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ބޭރު ގައުމުތަކުން ރާއްޖެއަށް އެނބުރި އަންނަ ދިވެހީން އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް، އެ މިނިސްޓްރީންނާއި ބޭރު ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި ދަނޑިވަޅުގައި ބޭރު ގައުމުތަކުގައި ދިރިއުޅުމުގައާއި ބޭރު ގައުމުތަކުން ދަތުރު ކުރުމުގައާއި އެ ގައުމުތަކަށް ދިއުމުގައި ބައެއް ކަހަލަ ދަތިތައް ހުރިނަމަވެސް އެ ދަތިތަކާ ގުޅޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.