ޚަބަރު

ރަހިމުގެ މަހުންލާފައި ކޮރޯނާވައިރަސް ދަތުރެއް ނުކުރޭ، މައިމީހާގެ ކިރުގައިވެސް ވައިރަހެއް ނުހުރޭ: ޑރ ފައިސަލް

އައިދާ އަބްދުލް ހަކީމް

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އުފެދޭ ވައިރަސް ކަމަށްވާ، ކޮރޯނާވައިރަސް ރަހިމުގެ މަހުން ލާފައި ދަތުރު ނުކުރާކަމަށާއި މައިމީހާގެ ކިރުގައިވެސް އެ ވައިރަސް ނުހުންނަ ކަމަށް މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް19ގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ނުކުރާއިރު ދަރިފުޅު އޮންނަ ފެންގަނޑުތެރޭގައި ވެސް އެވައިރަސް ނުހުންނަ ކަމަށެވެ.

" ކޮވިޑް މަންމައަށް ޖެހިފައި ހުއްޓަސް ކޮވިޑްގެ ވައިރަސް ރަހިމުގެ މަހުންލާފައި ދަތުރުނުކުރޭ، ދަރިފުޅު އޮންނަ ފެންގަނޑުތެރޭގައި ނުހުރޭ, ބަނޑުގައި އޮންނަ ދަރިފުޅަކަށް ނުދޭ. އަދި ދަރިފުޅަށްދޭ މައިމީހާގެ ކިރުގައިވެސް ވައިރަސް ނުހުރޭ" ޑރ ފައިސަލް ވިދާޅުވިއެވެ.

އެހެންވީމަ ކުޑަދަރިފުޅަށް ބަލި ޖެހޭނީ ވިހެއުމަށްފަހުގައިތޯ މީހަކު ސުވާލުކުރުމުން އޭގެ ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވީ ކުޑަދަރިފުޅަށް ބަލި ޖެހޭނީ ވިހެއުމަށް ފަހު ނުވަތަ ވިހެއުމުގެ ތެރޭގައި ކަމަށެވެ.

ކޮވިޑް19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ޑރ. ފައިސަލް ގެންދަވަނީ އެބަލިން ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ އެންމެ އާދައިގެ ކަންކަމުން ފެށިގެން ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި މައުލޫމާތު ޓުވިޓާ މެދުވެރިކުރައްވައި އާންމުންނާއި ހަމަޔަށް ގެނެސްދެއްވަމުންނެވެ.

މިބަލި ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި، ނޭފަތުން ފެން ފޭބުމާއި ހިކި ކެއްސުމެއް ހުރުމާއި ކަރަށް ތަދުވުމާއި ހުން އައުން އަދި ރޯގާ ޖެހުމާއި ނޭވާއަށް އުނދަގޫވުން ހިމެނެ އެވެ. އަދި ބައެއް މީހުންނަށް ބަލިޖެހުމުން އެއްވެސް އަލާމަތެއް ނުފެނި ރަނގަޅުވާ ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ރާއްޖޭން ވެސް އަންނަނީ އަޅަމުންނެވެ.