ޚަބަރު

ލޭ ހަދިޔާކުރުމަށް އެދި ތެލެސީމިއާ ސެންޓަރުން އާންމުންގެ އެހީއަށް

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން އެދިއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރިސޯޓްތަކުގައި ބުލަޑް ކޭމްޕުތައް ބާއްވައިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ކަމަށެވެ.

ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުން މަނާކޮށް، އަދި ރަށްރަށުން ރިސޯޓްތަކަށް ދިއުން މަނާކޮށްފައިވާތީ ރިސޯޓް މުވައްޒަފުންނަށް މިވަގުތު ލޭ ހަދިޔާކުރެވެން ނެތް ކަމަށް މަބުރޫކު ވިދާޅުވިއެވެ.

"އެބޭފުޅުން (ރިސޯޓް މުވައްޒަފުން) އެބަ އެދޭ ތިބޭފުޅުން، އާންމު ރައްޔިތުން މިކަމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްދިނުމަށް،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޭ ހަދިޔާކުރުމުގައި އިޖުތިމާއީ ގައިދުރުކަމަށް އިސްކަންދީ އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމު ތެލެސީމިއާ ސެންޓަރުން ހަމަޖައްސާނެ ކަމަށެވެ.

ތެލެސީމިއާ ސެންޓަރުގެ އިތުރުން މޯލްޑިވިއަން ބުލަޑް ސާވިސް (އެމްބީއެސް) އިން ވެސް ވަނީ ލޭ ލިބުން ދަތިވެފައިވާތީ އާންމުން ލޭ ހަދިޔާކުރުމަށް އިލްތިމާސް ކޮށްފައެވެ.

ބުލަޑް ސާވިސްގައި މިވަގުތު ތެލެސީމިއާގެ 635 މީހުން ތިބިއިރު އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގައެވެ