މާލެ އާއި ވިލިމާލެއާ ދެމެދު އާންމުކޮށް ދަތުރުކުރާ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭ ދޭން އެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެގޮތަށް ނިންމީ ކޮވިޑް 19އިން ރައްކާތެރިވުމަށް ފައިސާ ގެންގުޅޭ މިންވަރާއި ސިންގަލް ޓޯކަން މަދު ކުރުމަށް ކަމަށެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ ޓްރާސްޕޯޓް މެނޭޖަރު އަލީ ފާތިހް "ވަން" އަށް ވިދާޅުވީ، ދަތުރު ކާޑަކީ ކުރިން 35 ރުފިޔާއަށް ވިއްކަމުން އައި ކާޑެއް ކަމަށެވެ. ނަމަވެސް ފައިސާ ގެންގުޅޭ މިންވަރު މަދުކުރުމަށް އެ ކާޑު މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފާތިހް ވިދާޅުވީ، ދަތުރު ކާޑަށް އެމީހަކު ބޭނުން ވަރަކަށް ރީޗާޖު ކުރެވޭނެ ކަމަށާއި، މި ވަގުތަށް އެ ކާޑަށް ރީޗާޖު ކުރެވޭނީ ވިލިމާލޭ ފެރީ ކައުންޓަރުން އެކަނި ކަމަށެވެ.
މިވަގުތަށް ހަމަ އެކަނި ކައުންޓަރުތަކުން ރީޗާޖު މި ކުރެވެނީ. އެކަމަކު އެކަންވެސް ކޭޝްލެސްކޮށް ކުރަން މަސައްކަތް އެބަ ކުރަން. މި ވަގުތު ޕޭޕަރު ޓިކެޓެއް ނުވިއްކާނެ." ފާތިހް ވިދާޅުވިއެވެ.
މީގެ އިތުރުން ވަކިވަކިން މާލެއިން ވިލިނގިއްޔަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ނުވަތަ ވިލިނގިލިން މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ޕޭޕާ ޓިކެޓުގެ ބަދަލުގައި ސިންގަލް ޓިކެޓް ކާޑެއް މިހާރުވެސް ދެމުން އަންނަ ކަމުގައި ފާތިހް ވިދާޅުވިއެވެ.
ފާތިހް ވިދާޅުވީ، މިހާރުގެ ވިސްނުމަކީ ހުޅުމާލޭ އެތެރޭގެ ބަސްތަކުގެ އިތުރުން މާލެ އާ ހުޅުމާލެއާ ދެމެދު އާންމުކޮށް ދަތުރުކުރާ ފަރާތްތަކަށްވެސް ދަތުރު ކާޑު ތައާރަފުކުރުން ކަމަށެވެ.