ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ޑޮކްޓަރުން ކްރިޓިކަލް ކެއާއަށް ތަމްރީނު ކުރަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ފުއްޕާމެއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ވިދާޅުވީ، ކޮވިޑް 19 ބަލި ޖެހޭ މީހުންގެ ތެރެއިން 15 ޕަސެންޓް މީހުންގެ ހާލު ވަރަށް ބޮޑަށް ގޯސްވާއިރު އެމީހުންނަށް ފަރުވާ ދެވޭނީ ކްރިޓިކަލް ކެއާގެ ތަމްރީނު ލިބިފައި ތިބި މީހުންނަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ރިސޯސްތައް އެނަލައިޒްކޮށްފައި މިހާރު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް އެބަ ދެމޭ މި ގޮތަށް އަޅުގަނޑުމެންގެ ހެލްތު ކެއާ ވޯކާސް، އެއީ އަޅުގަނޑުމެންގެ ޑޮކްޓަރުން ހުރިހާ ފަންތިއެއްގެ ވެސް. ހުރިހާ ފަންތިއެކޭ މި ދެންނެވީ ކަށީގެ ޑޮކްޓަރުން، އަންހެނުންގެ ހާއްސަ ޑޮކްޓަރުން އެހެން ނޫނީ ހަމުގެ ހާއްސަ ޑޮކްޓަރުން. މި ހުރިހާ ޑޮކްޓަރުން ވެސް އަޅުގަނޑުމެން ޓްރެއިން ކުރަން މި އުޅެނީ ކްރިޓިކަލް ކެއާ އަށޭ،" ޑރ. ވިދާޅުވިއެވެ.
އޭނާ ވިދާޅުވި އެކަމުގެ ޕްލޭނިން ވެސް މިހާރު ހަދާފައިވާ ކަމަށާއި ތަމްރީނުތައް މާދަމާ ފަށާނެ ކަމަށެވެ. އެ ޕްލޭން ހަދާފައިވަނީ ކޮވިޑް 19ގެ އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް ރާއްޖެ ގެނައި ޓީމުގައި ހިމެނޭ ސައުތު އެފްރިކާގެ ކްރިޓިކަލް ކެއާގެ ސްޕެޝަލިސްޓަކާއި އެމެރިކާގެ ނަރުހުންނާއި ރާއްޖޭގައި އެކަމަށް ހާއްސަ ބޭފުޅުންނާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޑޮކްޓަރުން ކްރިޓިކަލް ކެއާއަށް ތަމްރީން ކުރަން ބޭނުންވާ ސަބަބެއް ކަމަށް ޑރ. މޫސަ ވިދާޅުވީ، ކޮވިޑް 19 އެންމެ ހަލުވިކަމާއެކު މިވަގުތު ފެތުރެމުންދާ އިޓަލީގައި އެ ބަލި ޖެހިގެންދާ މީހުންގެ ތެރެއިން 80 އަހަރުން މަތީގެ މީހުން ހޮސްޕިޓަލުން ދޫކޮށްލާތީ އެގޮތަށް ރާއްޖޭގައި އަމަލު ކުރަން ބޭނުން ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ މިހާރުގެ އެންމެ ބޮޑު އެއް އަޒުމަކީ ރާއްޖޭގެ ހުރިހާ ޑޮކްޓަރުން މިކަމަށް (ކްރިޓިކަލް ކެއާ)އަށް ޓްރެއިންކޮށް މިގޮތަށް އަންނަ މީހެއްގެ އޮކްސިޖަން ދަށް ވެއްޖެއްޔާ އެބައި މެނޭޖްކޮށް، ވެންޓިލޭޓަރަށް ލާން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ، އަޅުގަނޑުމެންގެ އެއްވެސް ބަލި މީހަކު ދޫކޮށްލާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެންމެންނަށް މި ބަލީގެ ފަރުވާ ދޭން،" ޑރ. ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކްރިޓިކަލް ކެއާއަށް ހާއްސަ މީހުން އެވަރަށް ނެތްކަމުގައި ވިޔަސް ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކްރިޓިކަލް ކެއާއަށް ރާއްޖޭގެ ޑޮކްޓަރުން ތަމްރީނު ކުރާނެ ކަމަށެވެ.