އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމާއެކު އުފެއްދި ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަށް އުފެއްދި ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި އެ ފަންޑަށް ރާއްޖެއިން 200،000 ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް 19 އެމަޖެންސީ ރިލީފް ފަންޑު އުފައްދަން އިންޑިއާގެ މޮޑު ވަޒީރު ނަރެންދްރަ މޯދީ ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސްނެންގެވުމަށް މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޯދީ ވިދާޅުވީ، އެ ފަންޑު އުފައްދާއިރު އިންޑިއާއިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށާއި އެހެން ގައުމުތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.
ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ޓެލެކޮންފަރެންސަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސްޓްރެޓަޖީއެއް އެކުލަވާލުމަށް ބޭއްވުނު ޓެލެކޮންފަރެންސެކެވެ.