ޚަބަރު

ތައިލެންޑުގައި ދިރިއުޅޭ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ތައިލެންޑުގައި ދިރިއުޅޭ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހިން އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މުޅި ދުނިޔޭގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ ތައިލެންޑްގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 މާޗު 2020 ވާ އާދީއްތަ ދުވަހުގެ ރޭ ތައިލެންޑް ގަޑިން 00:00 އިން ފެށިގެން އެގައުމަށް ދަތުރުކުރާ ހުރިހާ ބިދޭސީންނާއި ފަތުރުވެރިން، އެގައުމުގެ ސަރުކާރުން ނިންމާ ގޮތެއްގެ މަތިން ކަރަންޓީން ކުރެވޭނެ ކަމަށާއި، ތައިލެންޑަށް ވަންނަ އިރު، ކޮވިޑް 19 ޖެހުމުގެ ފުރުސަތު ނެތްކަން ކަށަވަރު ކޮށްދޭ، ތިން ދުވަސް ހަމަ ނުވާ ހެލްތު ސެޓްފިކެޓެއް ހުށަހަޅަން ޖެހުމުގެ އިތުރުން އެގައުމަށް އެތެރެ ވާއިރު އެންމެ މަދުވެގެން 100،000 ޑޮލަރުގެ މެޑިކަލް އިންޝުއަރެންސް ޕޮލިސީ އެއް ހުށަޙަޅަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދުވަސްތަކުގެ ތެރޭގައި ތައިލެންޑުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، އެގައުމަށް ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭ ކަމަށެވެ. އަދި ތައިލެންޑުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގެ އިތުރުން އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓްރީ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.