ކޮވިޑް 19އާ ގުޅިގެން ޔުނިވާސްލް އެންޓަޕްރައިސަސްގެ މުވައްޒަފުންގެ ތެރެއިން 380 ޑޮލަރާއި 1600 ޑޮލަރާ ދެމެދުގެ އަސާސީ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ކުޑަކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ސޮއިކުރައްވައި، އެކުންފުނިން ނެރުނު ލިޔުމެއްގައިވާ ގޮތުން އެ ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެކުންފުނިން ހިންގާ ރިސޯޓުތައް ވެސް ހުއްޓާލުމަށް ވަނީ ނިންމައިފައެވެ.
ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ތެރެއިން 380 ޑޮލަރާއި 1600 ޑޮލަރާ ދެމެދުގެ އަސާސީ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވީ ނަމަވެސް، މިމަހުގެ މުސާރައާއެކު އުނިކުރުމެއްނެތި އެލަވަންސްތަކާއި ސާވިސް ޗާޖު ދިނުމަށް ވަނީ ނިންމައިފައެވެ.
ޔުނިވާސަލުން ވަނީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރައާއެކު ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ނިންމައިފައެވެ. އަދި ބިދޭސީ މުވައްޒަފުން ނުވަތަ ދުރު ރަށްރަށުގައި ދިރިއުޅޭ މުވައްޒަފުންނަށް ކުންފުނީގެ ހަރަދުގައި އެއާ ޓިކެޓު ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވެއެވެ.
ޔުނިވާސަލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިފަދަ ކޮންމެ ކާރިސާއެއްގައި އެ ކުންފުނިން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ ރާއްޖޭގެ އިގުތިސާދަށާއި، ކުންފުނީގެ ދެމިއޮތުމަށާއި، މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށާއި މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑް 19އާ ގުޅިގެން ދުނިޔެއަށް ދިމާވަމުންދާ އިގުތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް ޔުނިވާސަލް ވާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.