ޚަބަރު

ކޮވިޑް 19 : ރަޝިއާގައި ތިބި ދިވެހި ދެ ދަރިވަރެއްގެ ޓެސްޓުގެ ނަތީޖާ ނެގަޓިވް

ރަޝިއާގައި ތިބި ދިވެހި ތިން ދަރިވަރަކު ކޮވިޑް 19އަށް ޝައްކުކުރެވިގެން ހެދި ޓެސްޓުތަކުން ދެ ދަރިވަރެއްގެ ނަތީޖާ ނެގަޓިވްވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އަނެއް ދަރިވަރުގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށެވެ.

"ރަޝިއާގައި ދިވެހި ތިން ދަރިވަރެއްގެ ސާމްޕަލް ނަގައި ވަނީ ޓެސްޓުކޮށްފައި. އޭގެ ތެރެއިން ދެ ދަރިވަރެއްގެ ނަތީޖާ ނެގަޓިވް. އަނެއް ދަރިވަރުގެ ނަތީޖާ އަދި އަޅުގަނޑުމެންނަކަށް ނުލިބޭ. އެކުދިންގެ ކަރަންޓީން، ދިހަ ދުވަހަށް ވަނީ އިތުރުކޮށްފައި،" އޭނާ ވިދާޅުވިއެވެ.

އެ ތިން ދަރިވަރުން ކޮވިޑް 19އަށް ޝައްކުކުރެވިގެން ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގެ އެމްބަސީން ވެސް އެ ތިން ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.