ޚަބަރު

އާދޭސްކޮށްފައި ބުނަން، މިދުވަސްކޮޅު ގެއިން ބޭރަށް ނުނިކުމެ، ގޭގައި މަޑުކޮށްދެއްވާ!

އަލީ ޔާމިން

ކޮވިޑް 19އިން ރައްކާތެރިވުމަށް މި ދުވަސްވަރު ބޭރަށް ނުނިކުމެ، ގެތަކުގައި މަޑުކޮށްދިނުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އާދޭހާއެކު ވިދާޅުވެއްޖެއެެވެ.

ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުވަންވެސް، ފިނިބުރަށްވެސް އަދި ހިނގަންވެސް މި ދުވަސްވަރު ބޭރަށް ނުނިކުތުމަށް އާދޭހާއެކު ރައްޔިތުންގެ އަރިހުން އެދޭ ކަމަށެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއަދު ހެނދުނުވެސް ގިނަ އަދަދެއްގެ މީހުން ރަސްފަންނު ސަރަހައްދުގައި ކަސްތަރަށް ދުވަން ނުކުމެ އުޅުނު ކަމަށެވެ. އަދި ރަސްފަންނުގައި ބައެއް ފަރާތްތަކުން މޫދަށް އެރި އުޅުނުކަންވެސް ޑރ. މުހައްމަދު ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މިދުވަސްވަރަކީ ސަރުކާރު ބަންދުކޮށްފައިވާ ދުވަސްވަރަކަށް ވިޔަސް ފަރުދީ ޒިންމާ އަދާކޮށްގެން ގޭގައި ތިބުން މުހިންމު،" ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދަކީ ގިނަ އަދަދަކަށް އެކިއެކި ބޭނުންތަކަށް މީހުން އައިސް ގޮސް އުޅޭ ސަރަހައްދެއްކަން ފާހަގަކުރައްވައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެހެން ކަންތައް ދިމާވާނަމަ ދަރުމަވަންތައިގެ ހާލު ގޯސްވުމަކީ ވަރަށް ކައިރީގައިވާ ކަމެއް ކަމަށެވެ. ކޮވިޑް 19 ޖެހިގެން ހާލު ދެރަވާ ފަރާތްތަކަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހާއްސަ އައިސީޔޫއެއްގައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދުނިޔޭގެ ސިއްހީ މާހިރުންގެ ލަފައަކީ ބަލި އައިސް، އެ ބައެއްގެ މެދުގައި އާންމުވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކަމަށާއި އެހެން ނޫން ނަމަ ފަހުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ޑރ. މުހައްމަދު އަލީގެ އިލްތިމާސަކީ ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް މި ދުވަސްވަރު ނުނިކުތުމެވެ. އަދި ކޮވިޑް 19އިން ރައްކާތެރިވުމަށް ޑޮކްޓަރުން ކުރަމުން އަންނަ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންދީ މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމެވެ.