ޚަބަރު

މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މަސްޖިދުލް ހަރަމް އަދި ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަޖިސްދުލް ނަބަވީގައި ނަމާދު ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އެގައުމުގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ސައުދީ ސަރުކާރުން މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގައި ނަމާދު ކުރުން މަނާކުރުމުގެ ކުރިން އެގައުމުގެ އެހެން މިސްކިތްތަކުގައި ވެސް ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީން މީގެ ކުރިން ވަނީ އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި ވަކި ހާއްސަ ވަގުތުތަކެއްގައި ވަކި ސަރަހައްދެއްގައި ނޫނީ ތޮވާފް ނުކުރެވޭ ގޮތަށް ކައުބާ ސަރަހައްދު ބަންދުކޮށްފައިވާއިރު ޒަމްޒަމް ވެސް ދޫކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ޗައިނާގައި ފެތުރެން ފެށި ކޮވިޑް 19 މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާއިރު އެބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 247،000 އަށްވުރެ މައްޗަށް އަރައިފައެވެ. އަދި އެބަލީގައި 10،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 88500 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ސައުދީއަށް ބަލާއިރު އެގައުމުން ވެސް ކޮވިޑް 19ގެ 274 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ރަނގަޅުވެފައެވެ.