ޚަބަރު

މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

އަލީ ޔާމިން

މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިލް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ގުނަވަނަކީ މިނިވަން ނޫސްވެރިކަން ނުވަތަ މީޑިއާކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

ސަރުކާރު ޖަވާބުދާރީކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް މީޑިއާއަކީ ޗެނަލް 13 ކަމަށާއި، އެ ޗެނަލުން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވުނު ސުވާލެއްގެ ސަބަބުން އެ ޕްރޮގްރާމު ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށް ޕްރޮގްރެސިލް ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ޕްރޮގްރާމް ހުއްޓާލަން އެންގި އެންގުމަކީ ވަރަށްވެސް ނާތަހުޒީބު އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ސަރުކާރުން ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ. އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ބަޔާނެއް ނެރިފައި މިވަނީ ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމުގައި ކޮވިޑް 19އާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގެނެސްދީފައިވާ ކޮންޓެންޓެއްގެ ސަބަބުން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން އެ ޕްރޮގްރާމު ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވުމާ ގުޅިގެންނެވެ.