ޚަބަރު

މޯލްޑިވިއަން އިން އިންޑިއާއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ކޮވިޑް 19އާ ގުޅިގެން އިންޑިއާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 22 ވާ އާދިއްތަ ދުވަސްކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަނުން ނިންމާފައިވާތީ މާދަމާ އިން ފެށިގެން އިންޑިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން، ޓްރެވިންޑްރަމް އަދި ޗެންނާއީއަށް ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަން އިން ބުނީ، މާދަމާ ހެނދުނު 10:00 ގައި މާލެއިން ޓްރެވިންޑްރަމްއަށް އަދި އެ ދުވަހު 12:45 (އިންޑިއާ ގަޑިން) ގައި ޓްރެވިންޑްރަމުން މާލެއަށް ދަތުރުކުރާނެ ކަމަށެވެ. މާލެއިން ކޮޗިންއަށް ހަވީރު 6:00 ގައި ދަތުރުކުރާ އިރު، އެރޭ 9:00 (އިންޑިއާ ގަޑިން) ކޮޗިންއިން މާލެއަށް ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.