ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތަކަށް އަމަލުކުރުމަކީ ލާޒިމުކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ވަނީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކުރުމާއެކު އެންމެހައި ފާފަތަކުން ދުރުހެލިވެ، މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން މިންޖުވޭތޯ ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އިސްތިގުފާރު ކުރުން ގިނަކުރުމަށް ނަސޭހަތްތެރިވެފައެވެ.
"ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ، އެއަށް އަމަލުކުރުމަކީ ލާޒިމު ކަމެކެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވެ މާޔޫސްވާ ފަދަ ވާހަކަތައް ނުދެއްކުމާއި، ސާބިތު ނުހިފޭ ދޮގު ހަބަރުތައް ނުފެތުރުމާއި، ތަންތަނަށް އެއްވެ، ގައިގޯޅިވެ ނޫޅުމަށް އެ ފަރާތްތަކުން ދަނީ ކެނޑިނޭޅި، ނަސޭހަތްތެރިވަމުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި ހިއްސީ ގޮތުންނާއި މައުނަވީ ގޮތުން ވެސް ސާފުތާހިރުވުމަށް ބާރުއަޅާ ކަމަށާއި އެ ދީނުގެ ޝަރުއުތަކާއި އަދުލުވެރި ހުކުމްފުޅުތައް ބިނާވެގެންވަނީ ވެސް ހިއްސީ އަދި މައުނަވީ ސާފުތާހިރުކަމުގެ މައްޗަށް ކަމަށެވެ.
"އިސްލާމްދީނުގައި ސާފުތާހިރުކަމަށް ބާރުއަޅުއްވާފައިވަނީ ހަމައެކަނި އަޅުކަންތަކުގައި އެކަންޏެއް ނޫނެވެ. އިންސާނާގެ ހަށިގަނޑާއި، ފޭރާމާއި އާންމު ދިރިއުޅުމާއި، ދިރިއުޅޭ ގެއާއި، ގޯތިތެރެ އާއި، ވެއްޓާއި މުޅި އިންސާނީ ވެށި ސާފުތާހިރުކުރުމަށް އިސްލާމްދީން ބާރުއަޅައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ސިއްހީ ކަންތައްތަކާއި، ސާފުތާހިރުކަމަށް އިހުމާލުވެވޭ ނަމަ، މުޖުތަމައުގެ ތެރޭގައި ތަފާތު ބަލިތައް ފެތުރި، ނުރައްކާތެރި ވަބާތައް އާންމުވެ، ސިއްހީ އެތަކެއް މައްސަލައެއް އުފެދޭނެކަން ކަށަވަރު ކަމަށާއި އެހެންކަމުން ތަފާތު ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.