ރ. އިންނަމާދޫ އިންޖީނުގޭގެ ތިޖޫރި އާއި އެ އަތޮޅު ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލަން މަސައްކަތްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، އިންނަމާދޫ އިންޖީނުގޭގެ އޮފީސް ބައިގައި ހުރި ތިޖޫރި ފަޅާލަން މަސައްކަތްކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، އެތަނުގެ ވޮޗަރު ބަނުމަށްފަހު ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ފަތިހު 4:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ކިނޮޅަހުގެ ކައުންސިލް އިދާރާއަށް ގެއްލުންދީ އެތަނުގެ ތިޖޫރި ފަޅާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ރިޕޯޓެއް ވެސް ލިބުނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެ ދެ މައްސަލައާ ގުޅިގެން އެ ދެ ރަށުން ވެސް ތުހުމަތުކުރެވޭ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.
ނަމަވެސް އެ ދެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ދެ ރަށަށް ވެސް ބަަޔަކު އަރާފައިވަނީ ޑިންގީއެއްގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.